
ބޭންކް އޮފް މޯލްޑިވްސްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ 28 މާރިޗްވާ ހޮނިހިރު ބާއްވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މި ޖަލްސާ އޮންނާނީ ބާސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގަ ހޮނިހިރު ދުވަހުގެރޭ 9:00 ގައި ކަމަށް އެ ބޭންކުން ނެރުނު އިއުލާނުގައި ވެއެވެ. މި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޟިރުވެގެންނާއި، އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިންގ މެނޭޖްމެންޓް ސިސްޓަމް “ފަހިވޯޓް” މެދުވެރިކޮށެވެ.
މި ޖަލްސާގައި ބައިވެރިވުމަށް ޕްރޯ-ރަޖިސްޓަރ ތިރީގައިވާ ލިންކުން ކުރެވޭނެއެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 14 މާރިޗްގައި ހުޅުވާފައިވާ ޕްރީ ރަޖިސްޓްރީވުމުގެ ފަހު ތާރީޚަކީ 26 މާރިޗް 2026 ވާ ބުރާސްފަތި ދުވަހުގެރޭ 9:00 އެވެ. މީގެ އިތުރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް އިންފިނިޓީ މެދުވެރިކޮށްވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.
ބޭންކާއި ހިއްސާދާރުންގެ މެދުގައިވާ ގުޅުން ބަދަހިކޮށް، އިތުބާރު ދެމެހެއްޓުމަށްޓަކައި އަހަރީ އާންމު ޖަލްސާ ނުހަނު މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައި ކުރުމަށާއި މި ބޭންކުގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާތީ މި ހުށަހެޅުންތައް ފާސްކުރެވެނީ ހިއްސާދާރުންގެ ޚާއްސަ ގަރާރަކުން ކަމުގައިވާތީވެ، ވީހާވެސް ގިނަ ހިއްސާދާރުން މިއަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ މި ބޭންކުގެ ވަރަށް ބޮޑު އެދުމެކެވެ.



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































