ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްއާ ބައްދަލުކުރައްވައިފި އެވެ.

ނައިބް ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގެ ފޮޓޯއެއް ”އެކްސް” ގައި ހިއްސާކުރައްވާ ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ އެ ބައްދަލުވުމުގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ތަނބުތަކުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ދެގައުމުން ދަނީ އިންފްރާސްޓްރަކްޗާ ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ އަދި އެހެނިހެން ދާއިރާތަކުން ގާތުން މަސައްކަތް ކުރަމުން ކަމަށް މޯދީ ވިދާޅުވި އެވެ.

ބޮޑު ވަޒީރު ވިދާޅުވީ އެކަމުން ދެގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ގުޅުން ވަރުގަދަވެގެން ދިޔުން ކަމަށެވެ.

އިންޑިއާއެކު ރާއްޖެއިން މުހިއްމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯދީ ރާއްޖެއަށް ވަޑައިގެން އުޅުއްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ. މޯދީގެ ދަތުރުފުޅުގައި އިއްޔެ ދެ ގައުމުގެ ސަރުކާރު ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތައް މޯދީ ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.

އަދި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައްވެސް އިއްޔެ ވަނީ ބާއްވާފަ އެވެ.

Leave a Reply