
ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
“އެކްސް” ގައި ކުރި ޕޯސްޓެއްގައި ރޭ ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ އެ އިދާރާގެ ޑިވިޝަންތަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހުޅުމާލޭގެ ގެއެއްގައި ހުރި އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ތަން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި ކަމާ ގުޅުންހުރި އެހެން ތަކެތި ފެނިފައިވާ ކަމުގަ އެވެ. އޭގެ ތެރޭގައި ފްލޭވާޑް ޕެކެޓްތަކާއި ވީޑް ގްރައިންޑަރަކާއި ވޭޕް ސްޓިކްސް އަދި ވަޅިއެެއް ހިމެނޭ ކަމުގަ އެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ އެއް ގެއަކަށް ނިސްބަތްވާ ދެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. އެއީ މ. އަލިހަވާ، ރާއިފު ޔޫސުފް (28އ) އާއި ރާއިގު ޔޫސުފް (28އ) އެވެ.
ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރައްކާތެރި އަދި އަމާން ތަނެއްގެ ގޮތުގައި މުޖުތަމައު ބޭއްވުމަށް ޓަކައި މަސްތުވާތަކެތީގެ މައްސަލަތަކާ ކުރިމަތިލުމަކީ އިސްކަންދޭ ކަމެއް ކަމުގައި ފުލުހުން ފާހަގަކުރި އެވެ.