މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ކަނޑުއޮތްގިރީގައި ތަރައްޤީކުރި އައިސްޕްލާންޓުން އައިސް ވިއްކުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މިފްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އަލަށް ޚިދުމަތްދޭން ފެށި މި ފެސިލިޓީއަކީ ސައުވީސް ގަޑިއިރު ތެރޭގައި 25 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިގެންވާ ތަނެކެވެ. މީގެ އިތުރުން، އެ ކުންފުނީގެ އަމާޒަކީ ކަނޑުއޮތްގިރީގެ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، ކުރިމަގުގައި އެތަނުގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުން ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

ކަނޑުއޮތްގިރީގައި ހިންގާ ހަރަކާތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ދުވާލަކު ތިން ޓަނުގެ މަސް ޕްރޮސެސްކުރެވޭ ފެންވަރުގެ ހިކިމަސް އުފައްދާ ކާރުޚާނާއެއް ވެސް ހިނގަމުންމިދާ މަހުގެ ތެރޭގައި ވަނީ ހުޅުވާފައެވެ. މި މަރުކަޒުގައި ރޯމަސް ކެނޑުމާއި، ކެއްކުމުގެ އިތުރުން މަސް ދިލަޖައްސައި ބަންދުކުރުމުގެ އެންމެހާ މަރުޙަލާތައް ކުރިއަށްދާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

ސަރުކާރުން މިހާރު ވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓުތަކާއި ކޯލްޑް ސްޓޯރޭޖްތައް ބިނާކުރުމުގެ ބިޔަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މިގޮތުން، މިވަގުތު ރާއްޖޭގައި ހުރި 9،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް މަތިކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި މަސައްކަތުގެ ދަށުން ހަތަރު ރަށެއްގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ ޢަމަލީ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ.

Leave a Reply