
ދައުލަތުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިފައިވާ ހުރިހާ ހުށަހެޅުންތަކަށް (އާރްޓީއައި) އިއްޔެގެ ނިޔަލަށް ޖަވާބުދީ ނިންމާފައިވާކަން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ހާމަކުރައްވައިފިއެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ޖަވާބުދީފައި ވަނީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މަޢުލޫމާތުތަކާއި، ޤާނޫނީ ގޮތުން ހާމަކުރުން މަނާކުރާ ޒާތީ ކަންކަން ފިޔަވައި އެހެނިހެން ހުރިހާ މައްސަލަތަކަށެވެ. މީގެ އިތުރުން، ފޯރުކޮށްދެވޭ މަޢުލޫމާތަކީ ޤާނޫނީ އިމުގެ ތެރެއިން ދޫކުރެވޭނެ އެއްޗެއްކަން ކަށަވަރުކުރުމަށް ފަހު މެނުވީ އެއްވެސް މަޢުލޫމާތެއް ހާމަނުކުރާނެކަން އޭނާ ތަކުރާރުކުރެއްވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެވަޑައިގެންފައިވާ ވަޢުދުފުޅަކާ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ރައީސްގެ އަމާޒަކީ ސަރުކާރުގެ އިދާރާތަކުން ވީހާވެސް ފުޅާ ދާއިރާއެއްގައި އާންމުންނަށް މަޢުލޫމާތު ލިބޭނެ ފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.
މިގޮތުން، ހަމައެކަނި އާރްޓީއައި އަށް ޖަވާބުދިނުމުގެ ބަދަލުގައި، އިދާރާތަކުން އިސްނަގައިގެން ވެބްސައިޓުތައް މެދުވެރިކޮށް އާންމު މަޢުލޫމާތުތައް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުގެ އެހެނިހެން ވުޒާރާތަކަށް ވެސް ބާރުއަޅަމުންދާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ގޮތް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ގުޅިގެން ގާތުން މޮނިޓަރކުރަމުން އަންނަކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































