ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފު 4 ބޭފުޅަކަށް އަރުވައިފިއެވެ.

ހަތަރު ބޭފުޅަކަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފު އަރުވާފައި ވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފު އަރުވާފައިވާ ހަތަރު ބޭފުޅުންނަކީ:

  • އަލްއުސްތާޒު އިބްރާހިމް ރަޝީދު މޫސާ، ހ. މީރުބަހުރުގޭއާގެ
  • މުހައްމަދު މޫސާ، މއ. ޗަމްޕާމާގެ
  • ހުސައިން އަފީފް، މއ. ޗަމްޕާމާގެ
  • ޑރ. މުހައްމަދު ލަތީފް، މއ. ކިނބި

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަލްއުސްތާޒު އިބްރާހިމް ރަޝީދު މޫސާ އަކީ ރާއްޖެއަށް ތަފާތު އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވައިފައިވާ، މިހާރު ވެސް އެ ޚިދުމަތުގައި ދެމިހުންނެވި ޢިލްމުވެރި ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދުމަތް އެންމެ ފާހަގަވެގެންދަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ޢިލްމު އުނގަންނައިދެއްވުމާއި، ދީނީ އެކި ފޮތްފޮތް އެކުލަވައިލެއްވުމުގެ ރޮނގުން ކުރައްވައިފައިވާ އަގުހުރި މުހިންމު މަސައްކަތްޕުޅުތަކެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަކީ، ޒުވާން އުމުރުފުޅުގައި ވެސް ވަރަށް މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ބޭފުޅެކެވެ. ޚާއްޞަކޮށް، ވިޔަފާރީގެ ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ ވަރަށްބޮޑު ޝައުޤުވެރިކަމެއް ތުއްޕުޅުއިރުއްސުރެ ހިތްޕުޅުގައި އުފެދިފައިވާ ބޭފުޅެކެވެ. މުޙައްމަދު މޫސާ މިހާރުވެސް ގެންދަވަނީ، ކާބޯތަކެތި އަދި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި “ޗަމްޕާ ހޯލްސޭލް” ވިޔަފާރި ޤާއިމުކުރައްވައި ޚިދުމަތް ދެއްވަމުންނެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަކީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރެއިން އެއް ބާނީއެވެ. ފަތުރުވެރިކަމުގެ އިތުރުން، ހޮސްޕިޓޭލިޓީގެ ދާއިރާއިންނާއި، އޭވިއޭޝަންގެ ދާއިރާއިންނާއި، ބޭންކިންގގެ ދާއިރާއިންނާއި، ޞިއްޙީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް އޮންޓަރޕްރިނިއޯ އެއްގެ ހައިސިއްޔަތުން ޙުސައިން ޢަފީފް ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީ ވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. މީގެ އިތުރުން ޙުސައިން ޢަފީފުގެ ލޮބުވެތި ބައްޕަ ޢަލިފުޅު ތުއްތުގެ ނަމަށް ނިސްބަތްކުރައްވައި “ޢަލިފުޅު ތުއްތު ފައުންޑޭޝަން (އޭ. އެފް. ޓީ އެފް)ގެ ދަށުން ޢަފީފު ވަނީ ވަރަށް ގިނަ އަދަދެއްގެ ސީ.އެސް.އާރު. އަދި މުޖުތަމަޢަށް ފައިދާކުރަނިވި މަޝްރޫޢުތަކެއް ރާއްވަވައި ކުރިއަށް ގެންދަވައިފައެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ލަޠީފް ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާއިރު އެމަނިކުފާނުގެ ޚިދުމަތުގެ އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ފުޅާކުރައްވައި، ހަރުދަނާކުރެއްވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ. ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ.

Leave a Reply