
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ ފައިސާ އަމިއްލަ ފައިސާ ބޭނުން ކުރެވޭ ގޮތް އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ހަމަޖައްސައިފި އެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ކުރެވޭ މާލީ މުއާމަލާތްތަކުގައި ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީސް ބޭނުންކުރުމާ ގުޅޭ ފަހުމުނާމާއެއްގައި މިދިޔަ ނޮވެމްބަރު މަހު ވަނީ ސޮއިކޮށްފަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އާރުބީއައި އާއެކު ދެމެދު ސޮއިކުރި އެ ފަހުމުނާމާގެ ދަށުން ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަ ކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން އިގުތިސޯދީ މާލީ މުއާމަލާތްތައް ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ރުފިޔާ އާއި ރުޕީސް އިން ކުރުމަށް ބާރުއަޅަ އެވެ.
ދެ ގައުމުގެ އަމިއްލަ ފައިސާ ބޭނުންކުރުމުގެ އިތުރުން މާލީ މުއާމަލާތްތަކުގައި އޭޝިއަން ކްލިއަރިން ޔޫނިއަން (އޭސީޔޫ) ނިޒާމް ބޭނުންކުރުމުގެ އިންތިޒާމު އާރުބީއައިއިން އިއްޔެ ވަނީ ހަމަޖައްސާފަ އެވެ. ގައުމުތަކުގެ މަޒުކަޒީ ބޭންކުތަކުން ހިންގާ މުއާމަލާތްތަކުގައި ފައިސާގެ އިންތިޒާމު ހަމަޖައްސައިދޭ އެ ނިޒާމު ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން، އީރާން، މިޔަންމާ އަދި ބެލަރޫސް ހިމެނެ އެވެ.
އޭސީޔޫ ނިޒާމާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި ރުފިޔާ އާއި ރުޕީސް ބޭނުންކުރުމުގެ ހުއްދަ ދިންއިރު، ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބީއެމްއެލް ޕީއޯއެސް މެޝިންތަކުންނާއި އިތުރު ވިޔަފާރި މުއާމަލާތްތަކުގައި ބޭނުން ކުރެވޭ ގޮތް މިދިޔަ އޮކްޓޫބަރު މަހު ވަނީ ހަމަޖައްސާފަ އެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި ރުފިޔާ އާއި ރުޕީސް ބޭނުން ކުރެވޭ ގޮތް ހަމަޖެހިގެން ދިއުމުން ދެ ގައުމުގެ ވިޔަފާރިތަކުން މުދަލާއި ހިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ގައުމެއްގެ އަމިއްލަ ފައިސާއިން ބިލުކޮށް އަދި އެ ބިލުތަކުގެ ސެޓްލްމަންޓް ހެދޭނެ ކަަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފަ އެވެ.
މިކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި ދެ ފައިސާ ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާ އަދި ގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުން ކުރެވޭ ގޮތްވުމުން ހަރަދު ކުޑަވެ، ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސް ވެގެންދާނެ ކަމަށެވެ.
ދެ ގައުމުގެ މެދުގައި ކުރެވޭ މާލީ މުއާމަލާތްތަކުގައި އަމިއްލަ ފައިސާ ބޭނުން ކުރެވެން ފެށުމުން ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވުމަށް މަގުފަހިވެ، އިގުތިސޯދީ ގުޅުންތައް ވަރުގަދަވެގެންދާނެ ކަމަށް ދެކޭކަން ވެސް ސަރުކާރުން ހާމަކޮށްފައިވެ އެވެ.