ޒުވާނުންގެ ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރިއެރުވުމަށްޓަކައި، ހުޅުމާލޭގައި ބޯލިންގ، ފުޓްސަލް އަދި ނެޓްބޯޅައަށް ޚާއްޞަ ޒަމާނީ އިންޑޯ މަރުކަޒުތަކެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ހާމަކުރެއްވުމަށް ގެނެސްދޭ “ދަ ޕަލްސް”ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުތަކަށް ބޭނުންވާ ބިން މިހާރު ހަމަޖެހި، ކޮންޓްރެކްޓަރުންނާ މަސައްކަތް ޙަވާލުކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފުރަތަމަ ފިޔަވަހީގެ ފައިސާވެސް ދޫކުރެވިފައިވާއިރު، ރާއްޖޭގައި އަލަށް ބިނާކުރާ އެންމެ ފުރަތަމަ އިންޑޯ ބޯލިންގ އެރީނާ އަންނަ އަހަރުގެ ތެރޭގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ނިމިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަޤުބޫލު އެއް ކުޅިވަރު ކަމަށްވާ ފުޓްސަލްއަށް ޚާއްޞަކޮށްގެން، ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތަކާއި ތަމްރީނުތައް ބޭއްވޭ ފެންވަރަށް، އެތައް ބުރިއަކަށް ހަދާ ފުޓްސަލް ކޮމްޕްލެކްސްއެއް އެޅުމަށް ވަނީ ނިންމާފައެވެ. ހަމަ އެއާއެކު، ނެޓްބޯޅަ ކުޅުންތެރިންނަށް ޚާއްޞަ ޒަމާނީ ޕިޗުތަކެއް އެކުލެވޭ އިންޑޯ ނެޓްބޯޅަ ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށްވެސް ބިން ހަމަޖައްސައި ފައިސާ ވަނީ ހަމަޖެހިފައެވެ.

ޒުވާނުންގެ މުނިފޫހިފިލުވުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ބައިނަލްއަޤުވާމީ ފެންވަރުގެ ގޯ-ކާޓް ޓްރެކެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތްވެސް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސަރފިންގ ސްޓޭޑިއަމެއް ހެދުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، މިއީ އެތައް އަހަރެއް ވަންދެން ނުކުރެވި އޮތް މުހިންމު ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ މި ހުރިހާ ބޮޑެތި މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ފަށައި، ލަސްވެގެން 2028ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް މި މަރުކަޒުތަކުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެއްސުމެވެ.

Leave a Reply