
ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ގަދަކޮށް ކަމަށް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރުކަމުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ފަހުން ޒަމީރު މިރޭ ވަނީ ޕީއެންސީން ކުރިއަށް ގެންދާ ޖަލްސާގައި އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވައިފައެވެ.
ޒަމީރު ވިދާޅުވީ ފާއިތުވި ހަ މަހު ދުނިޔެ އޮތީ ހަނގުރާމައެއްގެ ތެރޭގައި ކަމަށެވެ. އަދި މަހެއްހާ ދުވަހު ހުދު އޭނާ ވެސް މަސައްކަތާ ދުރުގައި ހުންނެވިކަން ޒަމީރު ފާހަގަކުރެއްވިއެވެ.
އަދި މިހާރު އަނެއްކާ ވެސް ދުނިޔެ އޮތީ ހަނގުރާމައެއްގެ ތެރޭގައިކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުޥީ މިހާރު ހުންނެވި ފިނޭންސް މިނިސްޓަރުވެސް ތެލުގެ އަގަށް އަންނަ ބަދަލުތަކާއި އެފަދަ އެހެން ކަންކަން ވަރަށް ބޮޑަށް ކުރަން ޖެހޭ ކަމަށެވެ.
“މިކަހަލަ ހާލަތެއްގައި އަޅުގަނޑު އެތަން ހިސޯރުކޮށްގެން އަޅުގަނޑު މިވަގުތު އެތާނގައި ގިނަ ދުވަހު ނުހުރެވޭނެކަހަލަ ދިމާލަކަށް އަޅުގަނޑުގެ ސިއްހީ ހާލަތު ދާން ޖެހޭ އިރުވެސް އަޅުގަނޑު އޭގައި ބައްދައިގެން ހުންނާކަށް ނުވާނެ ނޫންތޯ. އެއީ ޕާޓީއަށް ކޮށްދެވޭ ރަނގަޅުކަމެއް ނޫން ދެެއްތޯ އެއީ. ގާބިލު ބޭފުޅުން އެބަތިބި. އެބޭފުޅުންނަށް ފުުރުސަތު ލިބޭގޮތަށް އަޅުގަނޑު ހަމަ އެއް ފަރާތަށް ޖެހިލާފައި، ތި ހުރިހާ ބޭފުޅުންނަށް އެނގިލައްވާނެ އެއް ފަރާތަށް ޖެހިލާފައި އަނެއްކާ ވެސް އަންނާނެ. ޕާޓީއަށް ބޭނުންވާ ދުވަހު އަބަދުވެސް އަޅުގަނޑު ހުންނާނެ” ޒަމީރު ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ވެސް ހުންނެވީ ރައީސް މުއިއްޒުއާ އެކު ގަދަކޮށް ކަމަށް ޒަމީރު ވިދާޅުވިއެވެ.



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































