ގއ. ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ދެއްވަދޫ / ގާވިޔާ، މަމްނޫހު ޒާހިރު (28އ)އާއި ގދ. ތިނަދޫ / ވައިޓްހިލް، އާއިޝަތު މޫސާ (34އ) ކަމަށެވެ.

މި މަހުގެ 13ވަނަ ދުވަހު ހިންގި އޮޕަރޭޝަނެގައި މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫން ދެއްވަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތު ކުރެވިގެން، ދެއްވަދޫ ޕޮލިހުން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

Leave a Reply