
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށްފައިވާ ބޮޑުތަކުރުފާނުމަގުގެ އައު ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، މި މަޝްރޫއުއަކީ ތިން މަސްދުވަހުގެ ތެރޭގައި ފަޅުން ބައެއް ހިއްކައި، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި 700 މީޓަރުގެ މަގަކީ ޕާކުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް، އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފީސް ކުރިމަތީގައި 500 ސައިކަލް ޕާކުކުރެވޭނެ ޖާގަ ތަނަވަސް ޒޯނެއް ވަނީ ގާއިމުކޮށްފައި ކަމަށެވެ.
އެމްޓީސީސީން ހާމަކުރާ ގޮތުގައި، މި މަގުން ދުއްވާ އުޅަނދުފަހަރަށް މިއަދު ހަވީރުން ފެށިގެން ފުރުސަތު ދިން ކަމުގައިވިޔަސް، މަޝްރޫޢުގެ ބައެއް ކުދި މަސައްކަތްތައް އަދިވެސް ކުރިއަށް ދާނެއެވެ. އޭގެ ތެރޭގައި، ބޭރުތޮށީގެ ސިޑިތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ރެއިލިންގ ހަރުކުރުމާއި، ސިޑިތައް ފާހަގަވާނެހެން ރަތް ކުލައިގެ ކާބް ސްޓޯން އަތުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ތެރެއިން މާލެ ފެހިކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އެގޮތުން، ދައުލަތުގެ އެކިއެކި މުއައްސަސާތައް ގުޅިގެން ހެންވޭރު ޓާމިނަލުން ފެށިގެން އުތުރު ބަނދަރާ ހަމައަށް 3،100 އަށްވުރެ ގިނަ ގަސް އިންދާފައިވާއިރު، އޭގެ ތެރޭގައި މާގަހާއި ހޭޅިފަށުގެ ގަސްތައް ހިމެނެއެވެ. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީގެ ތޮށިގަނޑު ކައިރީގައި ހިތްގައިމު ދިވެހި ރުށްތަކެއް އިންދާފައިވާތީ، ގިނަ ބައެއްގެ ތައުރީފާއި ސަމާލުކަން އެކަމަށް ވަނީ ލިބިފައެވެ.














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































