ހުސްވެފައިވާ ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަސަން ޒަރީރު މިއަދު އައްޔަނުކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން މިއަދު މެންދުރު ބުނީ އެ މަގާމަށް، ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު މިހާރު އައްުޔަނުކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޒަރީރަށް  މަގާމުގެ ފަތްކޮޅު އަރުވައިފައެވެ.

އެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް މުހައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި މިނިސްޓަރު ވަނީ ސޮއިކުރައްވާފައެވެ.

ޒަރީރަކީ މި ސަރުކާރުގެ ތިން ވަނަ ފިނޭންސް މިނިސްޓަރެވެ.

މިއަދު ފިނޭންސް މިނިސްޓަރުގެ މަގާމުން ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައެވެ.

Leave a Reply