
އިމާރާތްކުރުމުގެ ގާނޫނުާއި އެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ކ.، ވ.، އދ.، އއ.، ޅ. އަދި ބ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
ހައުސިން މިނިސްޓްރީން ބުނީ މިއީ އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން އިމާރާތްކުރުމުގެ ހުއްދަ ނެގުމާއި، ކުރެހުންތައް ފާސްކުރުމާއި، ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާ ބެހޭ މައުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުންޏެވެ.
އޭގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ޕްލޭނިން ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދާއި އެ ގަވާއިދުގެ ދަށުން ކުރެހުން ފާސްކުރުމާއި ހުއްދަތައް ދޫކުރާނޭ ގޮތާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ ތަފުސީލީ މައުލޫމާތުވެސް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އާންމުން އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ހޭލުންތެރިކުރުވުމަށް މިނިސްޓްރީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިންގޭ ޕްރޮގްރާމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































