
މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ވިއްކާ ވިޔަފާރިކުރާކަމަށް ތުުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރ.ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ ދުވާފަރަށް ނިސްބަތްވާ ކަޝްމީރުގެ / މައިސަމް މުސްތަފާ (22އ)އާއި އުފާ / އަލީ ފިރްސޯދު އާދަމް (21އ)އާއި ހިރުނދުގެ / އަލީ ހަސްރާނު (21އ)އާއި ސަކްސަސް / މުހައްމަދު ސުނޭހު (19އ)އެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުންވެސް ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ކަމަށެވެ.
އެގޮތުން އިއްޔެ ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެރަށުގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއި އެތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނުނު ކަމަށް ބުންޏެވެ.
އެ މައްސަލައިގައި އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މައިސަމް 15ދުވަސް އަދި ބާކީ ތިން މީހުން ބަންދުގައި ބޭތިއްބުމަށް 10ދުވަހުގެ މުއްދަތު ވަނީ ޖަަައިފައެވެ.
ދުވާފަރު ޕޮލިހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































