
މެދު އިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވެފައިވާ ކަމަށާއި ނަމަވެސް މަޝްރޫއުތައް ހުއްޓާ ނުލާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި އިސްރާއިލް އިސްވެ އޮވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް އޭގެ އަސަރުވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މިވަގުތު ހަނގުރާމަ ވަގުތީ ގޮތުން މެދު ކަނޑާލައިފައި އޮތް ނަމަވެސް ދެންމެ ދެންމެ އަނެއްކާވެސް ހަނގުރާމަ ފެށިދާނެކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ލިބުމަށް އަސަރުކޮށްފައިވާ ކަމަށެވެ.
އެއާއެކު ބައެއް ޕްރޮޖެކްޓްތަކަށާއި އިމާރާތްކުރުމުގެ ދާއިރާއަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ނަމަވެސް ކޮންސްޓްރަކްޝަން މެޓީރިއަލްސް އެތެރެކުރާ އެސްޓީއޯއިން މެދުނުކެނޑި ތަކެތި ލިބޭނެ މަގުފަހިކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން”މިނިސްޓަރު ވިދާޅުވިއެވެ.
ތެލުގެ އަގު ދެގުނައަށް ވުރެ އަގުބޮޑުވެފައިވާ އިރު ގިނަ އަދަދަކަށް ތެޔޮ ބޭނުންކޮށްގެން ކުރަން ޖެހޭ މަސައްކަތްތަކުގައި ކޮންމެވެސް ވަރަަކަށް ދަތިތަކާ ކުރިމަތިވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“އޭގެ ތެރޭގައިި ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތައް ހިމެނިގެންދޭ”މިނިސްޓަރު ވިދާޅުވިއެެވެ.
އެހެންވެ މި ވަގުތު އަމާޒަކީ ވީހާވެސް ހަރަދުކުޑަވާނެ ގޮތަކަށް ބަލައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ބަދަލުގައި ޓައިމްލައިންއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްގެން މަޝްރޫއުތައް ކުރިއަށް ގެންދަން ރާވައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































