ދިވެހި ބޭސްވެރިންނަށް ސެޓްފިކެޓް ހާސިލުކުރެވޭނެ ގޮތް ހަދަން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އާއި ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ބޭއްވި ބައްދަލުވުމުގައި އެ އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުހައްމަދެވެ. ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަހުމަދުއެެވެ.

ްެއެ ފަހުމުނާމާއަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކާއި ޓްރެއިނިންގ ޕެކޭޖް ތައްޔާރުކުރުމަށް ސޮއިކޮށްފައިވާ ފަހުމުނާމާއެކެވެ.

އެ ފަހުމުނާމާގެ ދަށުން ދިވެހިބޭސްވެރިކަމުގެ ދާއިރާގައި ފަސް އަހަރަށްވުރެ ދިގުމުއްދަތެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ ގެ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން ޕްރޮގުރާމު މެދުވެރިކޮށް ނޭޝަނަލް ސެޓްފިކެޓް ހާސިލުކުރެވޭނެ މަގު ފަހިވެ، އެފަދަ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރާނެ ނޭޝަނަލް އެސެސަރުން ރެޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވި، އެ ދާއިރާއިން އަލަށް ތަމްރީނުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ނެތެމުންދާ ފަންނުތައް ދިރުވައި އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެގޮތުން އެމްއެންއެސްޑީއޭ އިން ދަނީ މިފަދަ ދާއިރާތަކަށް ޚާއްސަ ސްޓޭންޑަޑްތައް ތައްޔާރުކުރަމުންނެވެ.

Leave a Reply