
އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް)އަށް ރާއްޖެއިން ފުރަތަމަ ފަހަރަށް އިންތިހާބުވެއްޖެއެވެ.
މިއީ 1965ވަނަ އަހަރު ދިވެހިރާއްޖެ އިން އ.ދ. ގެ މެމްބަރަކަށް ވުމަށްފަހު، އިކޮސޮކްއަށް ރާއްޖެ އިންތިހާބުވި ފުރަތަމަ ފަހަރެވެ.
އިކޮސޮކްއަށް ރާއްޖެ އިންތިހާބުވީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ވާދަކޮށްގެން ނެވެ. ރާއްޖެއިން އިންތިހާބު ކާމިޔާބުކުރީ 183ވޯޓުންނެވެ. ރާއްޖެއާއެކު ދެން އިންތިހާބުވީ މެލޭޝިއާ އާއި ރިޕަބްލިކް އޮފް ކޮރެއާއެވެ.
އިކޮސޮކްއަށް ރާއްޖެ އިންތިހާބުވި ނަމަވެސް ރަސްމީކޮށް ރާއްޖޭގެ ދައުރު ރަސްމީކޮށް ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ދައުރު ނިމޭނީ 31ޑިސެމްބަރު 2029ގައެވެ.
އިކޮސޮކްގެ މެންބަރުކަމަށް ރާއްޖެ އިންތިހާބުވުމަކީ، ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން ތަރައްގީއަށް ބޭނުންވާ މާލީ ވަސީލަތްތައް ފަސޭހެ ކަމާއެކު ގައުމުތަކަށް ހޯދައި ދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
“އިކޮސޮކް އަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ އިންތިހާބުވުމަކީ ގައުމަށް ލިބުނު ފަހުރުވެރި އަދި ތާރީހީ ކާމިޔާބީއެއް. މިއީ ބައިނަލްއަގުވާމީ މުޖުތަމައުއިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއް. އަދި ރާއްޖެއަށް ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް. ހަމައެއާއެކު ދެމެހެއްޓެނިވި ތަރައްގީއަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބަލައިގެންފައިވާކަން ހާމަކޮށްދޭ ކަމެއް. ރާއްޖެއަށް މި ލިބުނު ތާއީދާއި އިތުބާރަށްޓަކައި، އ.ދ. ގެ މެންބަރު ގައުމުތަކަށް ރާއްޖެއިން އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން”ރާއްޖެއިން އިކޮސޮކް އަށް އިންތިހާބުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































