ރާއްޖެއިން މިފަހުން ހިމަބިހި ފެންނަން ފެށުނު ފަހުން އެ ބަލި ޖެހުނު މީހުންގެ އަދަދު 166އަށް އަރައިފިއެވެ.

މި އަހަރު ރާއްޖޭގައި ހިމަބިހީގެ އައުޓްބްރޭކެއް އައީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން ދިޔައީ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންނެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިދިޔަ ހަފްތާވެސް ހިމަބިހީގެ 22ކޭސް ފެނުނު ކަމަށާއި އެއާއެކު ހިމަބިހި ޖެހުނު މީހުންގެ އަދަދު 166އަށް އަރާފައިވާ ކަމަށެވެ.

ހިމަބިހި އިތުރުވަމުންދާތީ އެ ބަލި ކޮންޓްރޯލްކުރަން ހިމަބިހީގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަ ނުކުރާ މީހުންގެ ގަޔަށް ވެކްސިން ޖަހަން ވެސް ހެލްތު މިނިސްޓްރީން މިހާރު ދަނީ ކުރިއަށްގެންދަމުން ނެވެ. އިންޑިއާއިން ވަނީ އެކަމަށް ބޭނުންވާ ވެކްސިން ޑޯޒްތައް ދާދި ފަހުން ރާއްޖެއަށް ހަދިޔާވެސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މިހާތަަނަށް 9918މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ.

ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާ އެކު ފެތުރޭ މި ބައްޔަކީ “މީސްލްސް”ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބަޔާންކުރައްވާ ގޮތުގައި، ބަލިމީހާ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކުގައި އުޅޭ މީހުންގެ ތެރެއިން ނުވަދިހަ އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ބަލިމީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ވައިރަސް ވާސިލު ވަނީ ހަށިގަނޑުން ބިހިތައް ފާޅުވުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، ބިހިތައް ނަގާތާ ހަތަރު ފަސް ދުވަސް ފާއިތުވަންދެން އޮންނަ މުއްދަތުގެ ތެރޭގައެވެ.

Leave a Reply