މި މަސް ނިމެންދެން ހުޅުމާލެ ދެވަނަ ފިޔަވަހިން އެކި ވަގުތުތަކުގައި ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިންގ މަސައްކަތްތައް މި މަހުގެ 21އިން ފެށިގެން 31ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާކަމަށް ބުންޏެވެ.

“މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މިކުންފުނީގެ ފަރާތުން ނިހާޔަތަށް މާފަށް އެދެމެވެ. އަދި މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަން ކަމުގައިވާތީ، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ”ސްޓެލްކޯއިން ބުންޏެވެ.

އެހެންވެ އެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުންޏެވެ.

Leave a Reply