ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަން އިން މައުލޫމާތު ދިން ގޮތުގައި މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ)ގެ ދަށުން ހިންގާ ހަރަކާތްތަކެއް އިއްޔެ ވަނީ ކުރިއަށްގެންގޮސްފިއެވެ. މި ހަރަކާތުގައި ޖުމްލަ 11 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށާއި އެއް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެއެވެ.

އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2895މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްހަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.

 

Leave a Reply