ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިންގ އެޖެންސީ ކަމަށްވާ ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ‘ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގ’ ‘ސީސީއިން ‘ސީސީސީ-‘އަށް މަތިކޮށްފިއެވެ.

ފިޗުން މި ނިންމުން ނިންމާފައި ވަނީ 2026ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ ސޮވެރިން ސުކޫކް ރާއްޖެއިން ކާމިޔާބުކަމާ އެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް އެ އެޖެންސީއަށް ފެންނާތީއެވެ.

މި ރޭޓިންގ އާންމުކޮށްފައި ވަނީ މިއަދު ނެރުނު ފިޗްގެ އެންމެ ފަހުގެ ރިޕޯޓުގައެވެ. އެ އެޖެންސީން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ބޭރުގެ ދަރަނި ކަމަށްވާ ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ދިމާވެދާނެ ނުރައްކާތައް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ރޭޓިންގއަށް އައި މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކޮށް ރިޒާވް ވަރުގަދަކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ޤާނޫނު ހިމެނެއެވެ.

ފިޗުން ފާހަގަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ބޭރުގެ ދަރަނި ދައްކަންޖެހޭ މިންވަރު މަދުވުމާއި، ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދިއުމަކީ، ރާއްޖޭގެ މާލީ ދަތިކަން ހައްލުވެ، ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަމެކެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްއިން ބުނީ، މި ރޭޓިންގއަކީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި ވެސް، ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.

ސަރުކާރުން ބުނީ ގައުމުގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ގާއިމުކުރުމަށާއި، މާލީ ސިޔާސަތުތައް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބޭރުގެ އިގްތިސާދީ ލޮޅުންތަކުން ގައުމުގެ އިގްތިސާދާއި ރައްޔިތުން ރައްކާތެރިކުރުމަށް ބޭނުންވާ އިތުރު ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފައެވެ.

Leave a Reply