
ޗައިނާގެ ޒިއަމެން ސިޓީގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އަށަކުން އެގާރައަށް ބޭއްވުމަށް ތާވަލުކޮށްފައިވާ 26ވަނަ “ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް” ގައި ބައިވެރިވެ، އިންވެސްޓްމަންޓްތައް ހޯދުމުގެ މަގު ދިވެހި ވިޔަފާރިތަކަށް ފަހިކޮށްދީފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ޗައިނާ ސަރުކާރުގެ ކޮމާސް މިނިސްޓްރީން އިސްނަގައިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ބިޔަ މައުރަޒުގައި ރާއްޖޭގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް އެ މައުރަޒުގެ އިންތިޒާމީ ކޮމިޓީން ވަނީ ރަސްމީކޮށް ދައުވަތު އަރުވާފައެވެ.
މި ބައިނަލްއަޤްވާމީ ޕްލެޓްފޯމުގެ މައިގަނޑު އަމާޒަކީ ވިޔަފާރިތަކަށް ބޭނުންވާ ޢަމަލީ އިންވެސްޓްމަންޓްތައް ހޯދައިދިނުމާއި، ސިޔާސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ މާހައުލެއް ބިނާކުރުމެވެ. ހަމައެހެންމެ، ވިޔަފާރިތަކުގެ މެދުގައި ކުރެވޭ ބީޓޫބީ ބައްދަލުވުންތަކާއި، ޚާއްޞަ ސެމިނާތަކުގެ އިތުރުން ޕްރޮޖެކްޓްތައް އިޝްތިހާރުކުރުމުގެ ރޯޑްޝޯތަކުގައި ބައިވެރިވުމުގެ ފައިދާ ވެސް އެކްސްޕޯގެ ތެރެއިން ލިބިގެންދާނެއެވެ.
މި މައުރަޒަށް ޝައުގުވެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް ސާފުކޮށްދެއްވަމުން އިޤްތިޞާދީ ވުޒާރާއިން އެދިވަޑައިގެންފައި ވަނީ، މައުރަޒުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށެވެ. އަދި އެއަށްފަހު އެކަން އަންގައިދޭ މައުލޫމާތު އެ ވުޒާރާގެ ކަމާބެހޭ އީމެއިލްއަށް ފޮނުއްވުމަށް ވެސް ވަނީ އިރުޝާދު ދެއްވާފައެވެ. އިތުރު ތަފްސީލުތައް ވެސް އެކްސްޕޯގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































