
ކޮންމެހެން ފައިސާ ހޯދަންޖެހޭ މަޖުބޫރު ޙާލަތެއްގައި މެނުވީ ދަރަނި ނުނެގުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކުރައްވައިފިއެވެ.
ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމުގައި އިޤުތިޞާދުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލި މި ޚުޠުބާގައި ބުނެފައި ވަނީ، އިންސާނާއަށް ލިބިފައިވާ ކޮންމެ މުދަލަކީ މާތްﷲ ދެއްވާފައިވާ ވަރަށް މަތިވެރި ނިޢުމަތެއް ކަމަށާއި، އެއީ އިމްތިޙާނެއްގެ ގޮތުގައި ޙަވާލުކުރެވިފައިވާ ބޮޑު އަމާނާތެއް ކަމަށެވެ. އެހެންކަމުން، ފައިސާއާއި މުދާ ހޯދުމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މިންގަނޑުތަކުގެ ތެރެއިން ޙަލާލު ގޮތުގައި މަސައްކަތްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ވައްކަންކުރުމާއި، މަކަރާއި ޙީލަތް ހެދުމާއި، ރިބާގެ މުޢާމަލާތްތަކުގެ އިތުރުން ރިޝްވަތާއި ޖުވާކުޅުން ފަދަ ޙަރާމް ކުރައްވާފައިވާ މަގުތަކުން މުދާ ހޯދުމަކީ ދީނުގައި ހުއްދަކުރައްވާ ކަންކަން ނޫންކަން ވަނީ ހަނދާންކޮށްދީފައެވެ.
މުދާ ހޭދަކުރުމުގައި ވެސް މުސްލިމުން އަމަލުކުރަންޖެހޭނެ ގޮތްތައް ބަޔާންކޮށްދެމުން ޚުޠުބާގައި ފާހަގަކުރީ، ބޭނުންވާ މިންވަރަށްވުރެ ގިނައިން ތަކެތި ގަނެ އިސްރާފުކުރުމަކީ ނުރައްކާތެރި އާދައެއް ކަމަށެވެ. ގަންނަ ތަކެތި ބޭނުންނުކޮށް ހަލާކުވާން ދޫކޮށްލުމާއި، އުކާލަންޖެހޭ ފަދަ ޙާލަތްތަކަށް ކަންކަން ގެންދިއުމުގެ ބަދަލުގައި، މާތްﷲގެ އެންގެވުންތަކާ އެއްގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް ވަނީ އިރުޝާދުދީފައެވެ. އާމްދަނީއަށްވުރެ ބޮޑެތި ޚަރަދުތައް ކުރުމަކީ ދަރަނީގެ މަޅީގައި ޖެހި، އަތްމަތި ދަތިވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބުކަން ވެސް މިއަދުގެ މެންދުރުގެ ވަޤުތުގައި އިއްވި ޚުތުބާގައި އިންޒާރުދީފައިވެއެވެ.
މީގެ އިތުރުން، ތިމާއަށް ލިބޭ މުދަލުގައި އެހެން މީހުންގެ ޙައްޤުތަކެއް ވާކަން ވެސް މިއަދުގެ މިންބަރުން ވަނީ ހާމަކޮށްދީފައެވެ. އެގޮތުން، އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، ފަޤީރުންނާއި މިސްކީނުންގެ އިތުރުން ޔަތީމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ޒިންމާއެކެވެ. ދުނިޔޭގައި ލިބޭ ނިޢުމަތްތައް ބޭނުންކުރި ގޮތަކާމެދު ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަން ހަނދާންކޮށްދެމުން، ޙައްޤު ނޫން ގޮތުގައި މުދާ ބޭނުންނުކުރުމަށް ޚުޠުބާގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































