
ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ފުން ހޮހަޅައެއްގެ ތެރޭގައި ތާށިވެ، އިޓަލީވިލާތަށް ނިސްބަތްވާ ފަސް މީހަކު މަރުވި ހިތާމަވެރި ހާދިސާ ހިނގި ސަރަޙައްދު ދައްކުވައިދޭ ވީޑިއޯއެއް، އެ މީހުން ހޯދުމުގެ މަސައްކަތްކުރި ރެސްކިއު ޓީމުން ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.
“ރައިނިއުސް” މެދުވެރިކޮށް ރޭ ދަންވަރު ބާރަ ޖެހިއިރު އާންމުކުރި މި މަންޒަރުތަކަކީ، “ޑޭން ޔޫރަޕް ފައުންޑޭޝަން”ގެ އެހީތެރިކަމާ އެކު ފިންލޭންޑުގެ ފީނުންތެރިންގެ ޓީމަކުން މަރުވި މީހުންގެ ހަށިގަނޑުތައް ނެގުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ރެކޯޑުކޮށްފައިވާ މަންޒަރުތަކެކެވެ. މީގެ ހަ ދުވަސް ކުރިން މި ހާދިސާއާ ގުޅޭ ބައެއް ފޮޓޯތައް ވެސް ވަނީ މީޑިއާއަށް ތިލަކޮށްފައެވެ.
މަރުވި މީހުން ފެނިފައި ވަނީ ކަނޑުގެ 60 މީޓަރު އަޑީގައިވާ، ކުރިން ޗާޓުކުރެވިފައި ނުވާ ސަރަޙައްދަކުންނެވެ. މި މަސައްކަތުގައި ހަރަކާތްތެރިވި ފިންލޭންޑުގެ ޑައިވަރު ސާމީ ޕަކަރިނެން ހާމަކުރިގޮތުގައި، އެހާ ފުންމިނަށް އެމީހުން ދިޔަކަން ކަށަވަރުކުރެވުނީ ކަނޑުއަޑީގެ ވެލިގަނޑުގައި ހުރި ނިޝާންތަކަކުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހިތާމައެއް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން، އެ ހޮހަޅައިގެ ފުރިހަމަ މެޕެއް ތައްޔާރުކުރުމަށް އަލުން ރާއްޖެ އައުމަށް އޭނާ ވަނީ ނިންމާފައެވެ.
މި ޑައިވިންގ ހާދިސާގައި އިހުމާލެއް ވޭތޯ އިޓަލީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ތަޙުޤީޤުކުރަމުން އަންނައިރު، ވަގުތީ އޮޓޮޕްސީ ރިޕޯޓުތަކުން ކަށަވަރުކޮށްދެނީ އެ އެންމެން ވެސް މަރުވެފައި ވަނީ އޮކްސިޖަން ނުލިބި ނޭވާހާސްވެގެން ކަމަށެވެ. މި ހާދިސާގައި ދުނިޔެ ދޫކުރީ 51 އަހަރުގެ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯންއާއި އޭނާގެ 23 އަހަރުގެ އަންހެން ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ އިތުރުން، 31 އަހަރުގެ މުރިއެލް އޮޑެނީނޯ، 30 އަހަރުގެ ފެޑެރީކޯ ގުއަލްޓިއޭރީ އަދި “ޑޫކް އޮފް ޔޯކް” ސަފާރީގެ އިންސްޓްރަކްޓަރެއް ކަމަށްވާ 44 އަހަރުގެ ޖިއާންލޫކާ ބެނެޑެޓީއެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































