ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

މި މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ އޭޕްރިލް މަހުގެ 20ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެ މަގާމަށް އައްޔަން ކުރިތާ 1 އަހަރާއި 2 މަހެއްހާ ދުވަސް ފަހުންނެވެ.

މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނެރުނު އިއުލާނެއްގައިވާ ގޮތުން އެ މާގަމަށް ކުރިމަތިލާން ހުޅުވާލީ މި ޖުލައި މަހުގެ 19ވަނަ ދުވަހާ ހަމައަށެވެ.

މި މަގާމުގެ ޖުމުލަ އުޖޫރައަކީ މަހަކު 59,235 ރުފިޔާއެވެ. އެއީ އަސާސީ މުސާރަ 30,000 ރުފިޔާ އާއި ފޯނު އެލަވަންސް 2,000 ރުފިޔާގެ އިތުރުން އެގްޒެކެޓިވް އެލަވަންސް 27,235 ރުފިޔާއެވެ.

މަގާމުގެ އަސާސީ ޝަރުތު ތަކުގެ ތެރޭގައި އުމުރުން 60 އަހަރު ނުވާ ދިވެއްސަކަށްވުން ހިމެނެއެވެ. އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވުމާއި، އިދާރީ ހިންގުން ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުމަކީ ވެސް ޝަރުތެކެވެ.

އޭގެ އިތުރުން ހިމެނެނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، ވައްކަމާއި ހިޔާނާތުފެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ބޮޑު ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވެފައިވާ ނަމަ ހުކުމް ތަންފީޒުކޮށް ނިމުނުތާ 8 އަހަރު ވެފައިވުމެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމާއި ޖުޑީޝަރީގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމެވެ.

Leave a Reply