
ފަތުރުވެރިކަން ފުޅާކުރަން ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ޗައިނާއަށް ވަޑައިގެންފިއެވެ.
އިއްޔެއިން ފެށިގެން މި މަހުގެ 11އާ ހަމައަށް ކުރާ ދަތުރުގައި ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު ހާރިސް މުހައްމަދު އަދި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ ހާރިސް މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.
އޭގެ އިތުރުން ރާއްޖޭގެ ނަގާކިޔާ ޓޫރިޒަމް އެސޯސިއޭޝަންތަކުން ވެސް ބައިވެެރިވެއެވެ.
އަދި އެ ދަތުރުގައި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކުގެ އިތުރުން ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ވެސް މަތީ ފެންވަރުގެ ބައްދަލުވުންތައް ބާއްވާނެއެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ.
އެގޮތުން މިދިޔަ މަހާ ހަމައަށް ވެސް 168،000އަށް ވުރެ ގިނަ ޗައިނާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ އިރު މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 20ޕަސެންޓްގެ ކުރި އެރުމެކެވެ.
މި ފަހުން އެމެރިކާއިން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ޔޫރަޕްއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވި ނަމަވެސް ޗައިނާ މާކެޓުން މާބޮޑު އަސަރެއް ނުކުރެއެވެ.
ހަނގުރާމައިގެ ހާލަތު އަދިވެސް ގޯސްވެދާނެކަމުގެ ބިރު ހީވެފައިވާ އިރު ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ޗައިނާ ފަދަ ގައުމުތަކުގެ މާކެޓްއިން ފަތުރުވެރިވެރިކަމަށް ކުރާ އަސަރުތައް ފޫބެއްދުމަށެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































