އެމެރިކާއާއި އިސްރާއީލުން ދިން ޓެރަރިސްޓް ޙަމަލާތަކެއްގައި ފެބްރުއަރީ މަހު އަވަހާރަކޮށްލާފައިވާ އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ޚާއްޞަ މަންދޫބަކު އީރާނަށް ފޮނުއްވުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، ޖަނާޒާގައި ބައިވެރިވުމަށް އީރާނުން ދުނިޔޭގެ އިސްލާމީ ޤައުމުތަކަށާއި އެހެނިހެން ޤައުމުތަކުގެ ވެރިންނަށް ފޮނުވި ރަސްމީ ދަޢުވަތު ދިވެހިރާއްޖެއިން މިހާރު ޤަބޫލުކޮށްފައިވާ ކަމަށެވެ.

ފެބްރުއަރީ 28ވަނަ ދުވަހު ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މާރިޗު މަހުގެ ތެރޭގައި ޖަނާޒާ ބޭއްވުމަށް އީރާނުން ކުރިން މަސައްކަތްކުރި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން އެ ރަސްމިއްޔާތު ވަނީ ފަސްކުރަން ޖެހިފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން، ރަސްމީ އިއްޒަތުގައި ޚާމަނާއީ ފަސްދާނުލުން އޮންނާނީ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި ޖަނާޒާއާ ގުޅޭ އެހެނިހެން ކަންކަން ޖުލައި ހަތަރުވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ މި ބޮޑު ޖަނާޒާއަކީ ތާރީޚުގައި ވެސް އެންމެ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވާނެ އެއް ޖަނާޒާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Leave a Reply