ޒަކާތުގެ ގާނޫނުގެ ދަށޫން “ޝަރީއާ އެޑްވައިޒަރީ ކޮމިޓީ” އުފައްދަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޓީއަށް ބޭފުޅުން އައްޔަނުކުރައްވައިފި އެވެ.

ޒަކާތުގެ ގާނޫނުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފާއާއި އިރުޝާދު ދިނުމަށް ޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަން ޖެހިވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު މިއަދު ވަނީ އެ ގާނޫނާ އެއްގޮތަށް އެ ކޮމިޓީ އެކުލަވާލައްވައި މެމްބަރުން އައްޔަނުކުރައްވައިފަ އެވެ.

އެ ކޮމިޓީއަށް އައްޔަނުކުރި ބޭފުޅުން

  1. ޗެއާޕާސަން: އަބްދުﷲ ސައުދާން (މ. ޕެޓީބާރޑް، މާލެ ސިޓީ)
  2. މެންބަރު: އުސާމް މުހައްމަދު ސައީދު(ގަމަރީ، ގދ. މަޑަވެލި)،
  3. މެންބަރު: އަބްދުލް ހާދީ ހުސެއިން (ޓިއުލިޕް، ރ. ކިނޮޅަސް)
  4. މެންބަރު:އަހުމަދު ފިރާސް (ވެސްޓްލައިޓް، ސ. ހުޅުދޫ)
  5. މެންބަރު: ޢަޒްމީނު ރަޝީދު (ޗަނބޭލީވިލާ، ގދ. ރަތަފަންދޫ)

ޒަކާތުގެ ގާނޫނުގަިއ ބުނެފައިވާ ގޮތުން ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށެވެ. އަދި ޝަރީއާ އެޑްވައިޒަރީ ކޮމިޓީއަށް އައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަގުރީރުކުރުމާއި ދީނީ ނަސާހަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންޖެހޭނެކަމަށް ވެސް ބުނެފައި ވެއެވެ.

Leave a Reply