އިންޑިއާގެ މަޝްހޫރު ބިލިއަނަރު، މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އަނަންތު އަމްބާނީ އާއި އޭނާގެ އަންހެނުން ރާދިކާ މާޗަންޓު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މި ދެމަފިރިން ރާއްޖެ އައިސްފައިވަނީ ޕްރައިވެޓް ޖެޓަކުއެވެ. އެމީހުންނާ އެކު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 50 މީހުން އައިސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓޫރިޒަމް ދާއިރާގެ ހަބަރުތައް ގެނެސްދޭ ހޮޓެލިއާ މޯލްޑިވްސްއިން ބުނީ އެދެމަފިރިން ޗުއްޓީ ހޭދަކުރަމުން ދަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ކަމަށެވެ.

އަދި އެމީހުންގެ ސަލާމަތަށްޓަކައި ރިސޯޓުގައި ދެ ސީޕްލޭން އަބަދުވެސް ސްޓޭންޑްބައިގައި ބާއްވާފައި އޮތްކަމަށް ވެސް ހޮޓެލިއާއިން ބުނެފައިވެއެވެ.

އަނަންތު އަދި ރާދިކާ ވަނީ 2024 ވަނަ އަހަރު ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ. އެފަހަރު އެމީހުން ތިބީ ސޮނެވާ ސީކްރެޓް ރިސޯޓްގައެވެ. އެ ދަތުރުގައި އަނަންތު ވަނީ ޖެޓްސްކީއެއްގައި އެ އަތޮޅު މަކުނުދޫއަށް ވެސް ޒިޔާރާތްކޮށްފައެވެ. އަދި އެރަށުން ކުކުޅަކާއި މުސަޅެއް ވެސް ގަނެގެން އިންޑިއާއަށް ގެންދިޔައެވެ.

އަންނަތު އާއި ރާދިކާ ކައިވެނިކޮށްފައި ވަނީ ޖުލައި 12، 2024ގައެވެ. އެއީ މިފަހުން އިންޑިއާގައި ބޭއްވި އެންމެ ބޮޑު ކައިވެންޏެވެ. އެ ކައިވެނީގައި ބޮލީވުޑްގެ ތަރިންގެ އިތުރުން ބޭރުގެ އެތައް މަޝްހޫރު ތަރިންނެއް ވަނީ ބައިވެރިވެފައެވެ. ހިންދޫ މީހުން ކައިވެނި ކުރާއިރު ބާއްވާ ހުރިހާ ހަފްލާއެއް ވެސް ވަރަށް ކުލަގަދަކޮށް ވަނީ ބާއްވާފައެވެ.

Leave a Reply