
މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށް، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައާ ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ބޮޑު އަދަބެއް ދީފައި ވަނީ ގދ. ގައްދޫ، ހުދުވެލި، އަޙްމަދު ސާއިފް ވަޙީދަށެވެ. އޭނާ 15 އަހަރަށް ޖަލަށްލުމަށް ނިންމާފައިވާއިރު، ތ. ތިމަރަފުށީ، އުތުރުގެއާގެ މުޙައްމަދު ނައުޝާން ޙުސައިން އަދި ރ. ކަނދޮޅުދޫ، މެހުރާ އަލީ ސާމީ 10 އަހަރަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ލ. ގަން ތުޑީ، ލިންކު އަޙްމަދު ޒަޔާންގެ މައްޗަށް އިއްވާފައި ވަނީ ތިން މަސްދުވަހުގެ ޖަލު ހުކުމެކެވެ.
ދައުލަތުން ކޯޓަށް ހުށަހެޅި މައުލޫމާތުތަކަށް ބަލާއިރު، މި ލާއިންސާނީ އަމަލު ހިންގާފައި ވަނީ 23 ޖޫން 2024ގައެވެ. މިގޮތުން މއ. ބަގުފަޑިއްގެ އުތުރުބައިގެ ހަތްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި މީހަކު ބަންދުކޮށް، އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ. އަދި އޭނާ ގޮނޑިއެއްގައި ބަނުމަށް ފަހު، ކަޓަރެއް ބޭނުންކޮށްގެން ވައަތުގެ ކުޑަވައި އިނގިލި ވަނީ ބުރިކޮށްލާފައެވެ.
މި ހާދިސާއާ ގުޅިގެން ކ. ކާށިދޫ، ފުލްމޫން މުޙައްމަދު ނަފާޙްގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކޯޓުގެ ހުކުމުގައި އަލީ ސާމީ 10 އަހަރަށް ޖަލަށްލުމަށް ކަނޑައަޅާފައިވީ ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ވެސް އެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































