ފިތުރު އީދު ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއަކާ އެކު ހަވާއެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މި އީދަށް ހުޅުމާލޭގެ އެކި ސަރަހައްދުތައް ދިއްލުމަށް އީދު ލައިޓުތައް ހަރުކޮށް، ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަކާ އެކު ލައިޓްތައް ވަނީ ދިއްލާލާފަ އެވެ. އީދާ ގުޅިގެން ޒީނަތްތެރި ކުރުމުގެ އެކި މަސައްކަތްތަކުގެ އިތުރުން ތަފާތު ގިނަ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް އެޗްޑީސީން ވަނީ ރާވާފަ އެވެ.

މިއަދު ހެނދުނު ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ވަނީ އީދު ނަމާދުކޮށްފަ އެވެ. އެއީ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކްގަ އާއި ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.

އީދާ ގުޅިގެން ރާވާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން އެޗްޑީސީގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް މުހައްމަދު ސިރާޖު މިއަދު “ދެން” އަށް ވިދާޅުވީ މިއަދު ހަވީރު އީދު ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އީދު ފެސްޓިވަލް ބޭއްވުމަށް ނިންމާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ފެސްޓިވަލް ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން 5:45 އަށެވެ.

އީދު ފެސްޓިވަލަކީ އެޗްޑީސީ އާއި މަންފާ ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. ފެސްޓިވަލް އިންތިޒާމު ކުރަނީ ބިޒްނަސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ) އާއި ހިދުމަތް ޖަމިއްޔާ އާއި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އިތުރުން ޑްރިފްޓް އެސޯސިއޭޝަނުގެ އެހީތެރިކަމާ އެކުގަ އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއަކާއި ހަވާއެރުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމުގަ އެވެ. ޑްރޯން ޝޯ ފަށާނީ 8:30 ގައި ކަމުގަ އެވެ. ގާތްގަނޑަކަށް ބައިގަޑިިއިރަށް ދެމިގެންދާ އެ ޝޯއަށް ފަހު 9:00 ގައި ހަވާއެރުވުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދާއި މިރޭ ކުރިއަށްދާ މި ހަރަކާތްތަކަށް ފަހު މި އީދުގެ ތެރޭގައި ބައިބަލާ މުބާރާތް ކުރިއަށްދާނެކަން ފާހަގަކުރެއްވި އެވެ. އެ މުބާރާތަކީ އެޗްޑީސީން ޕާޓްނާވެގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

އެ ހަރަކާތްތަކުގެ އިތުރުން ސަލާމަތީ ބާރުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ބާއްވާ “އީދު ހަވީރު 1446” ގައި ވެސް ވެސް އެޗްޑީސީން ބައިވެރިވާނެ އެވެ. އެކަމާ ގުޅޭގޮތުން ސިރާޖު މީގެކުރިން ވިދާޅުވެފައި ވަނީ ހަރަކާތްތައް ކުރިއަށް ގެންދާނީ ގިނަ އާއިލާތަކަކަށް ބައިވެރިވެވޭ ގޮތަށް ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭ ގޮތަށް ކަމަށެވެ.

އެޗްޑީސީގެ ސްޓޯލުގައި ބައުންސީ ކާސްލްއަކާއި ކުދިންގެ ހުނަރު ދައްކާލެވޭނެ ގޮތަށް އީދު ކާޑު ތައްޔާރު ކުރުން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ސިރާޖު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ހަރަކާތްތަކުގެ ތެރެއިން ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމުގަ އެވެ. އެގޮތުން ސްޓޯލުގައި ގާއިމުކޮށްފައިވާ ރޭސިން ޓެރެކްގެ ތެރެއިން ޓްރެފިކްގެ ގަވާއިދުތަކަށް ކުޑަކުދިން އަހުލުވެރިކުރަން މައުލޫމާތު ހިއްސާކުރާނެކަން ފާހަގަކުރެއްވި އެވެ.

ސްޓޯލް ޑިޒައިންކޮށްފައި ވަނީ ޕަވް ޕެޓްރޯލުގެ ތީމަށް ކަމަށްވާއިރު، ބައިވެރިވާ ފަރާތްތަކަށް ޕަވް ޕެޓްރޯލުގެ ކެރެކްޓާތައް ދައްކައިދޭ ގޮތަށް ހެދުން އަޅައިގެން ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ސިރާޖު ވިދާޅުވެފައިވެ އެވެ. ވިދާޅުވެފައި ވަނީ ކުދިންނަށް ފަހަށް ރައްކާކުރެވޭ ހަނދާނެއްގެ ގޮތުގައި އެކަން ވާނެ ކަމަށް އެޗްޑީސީން އުންމީދުކުރާ ކަމަށެވެ.

އީދު ހަވީރުގައި ގާއިމުކޮށްފައިވާ އެޗްޑީސީ ސްޓޯލުގައި ބައިވެރިވާ ކުދިންނަށް ހަދިޔާ ބެހުން ވެސް ކުރިއަށް ދާނެ އެވެ.

އެ ކުންފުނިން އީދު ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގައި މުޖުތަމައުގެ އެއްބައިވަންތަކަން ދައްކުވައިދޭ ގޮތަށް ވީހާވެސް ގިނަ އާއިލާތަކުން ބައިވެރިވުމަށް އެޗްޑީސީން އެދެ އެވެ.

Leave a Reply