
މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވީ މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ކެނޑުމުން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ކަރަންޓު ކެނޑުނު މައްސަލަ އާ ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ މާލޭގެ 60 އިންސައްތަ އަދި ހުޅުމާލޭގެ 78 އިންސައްތައަށް ކަރަންޓު ދެވިފައިވާ ކަމަށެވެ. މާލެއަށް ކަރަންޓު ދިނުމަށް ހުޅުމާލެ އިންޖީނުތައް ހިންގުމަށް ފަހު، ބްރިޖުން އަޅާފައިވާ އިންޓަކަނެކްޝަން ކޭބަލްތައް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތް ފުރިހަމަ ކުރެވެމުން މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ. މިހާރު ހުޅުމާލޭގެ ފޭސް އެކެއްހެ ހުރިހާ ސަރަހައްދުތަކަކަށް ކަރަންޓު ލިބޭނެ ކަމަށާއި ފޭސް ދޭއްގެ ހިޔާ ޓަވަރު އެކަކުން އަށަކާ ދެމެދާ އަދި ވިނަރެސްގެ ޓަވަރުތައް ފިޔަވައި އެހެން ސަރަހައްދުތަކަށް ހިދުމަތް ލިބޭނެކަން ކަމަށެވެ. އެ ތަންތަނަށް ކަރަންޓު ދެވޭނީ ހުޅުމާލެ ގްރިޑުގައި ހިމެނޭ 132 ނެޓްވޯކް އެނަޖައިޒްކޮށްގެން ކަމުގައި ފާހަގަކުރި އެވެ.
“132 ނެޓްވޯކް އެނަޖައިޒް ކުރުމުގެ މަސައްކަތް އިންޖިނިއަރުން ފަށައިގެން ކުރިއަށް އެ ގެންދަނީ. ކުރިއަށް އޮތް 45 މިނެޓު ތެރޭގައި އަޅުގަނޑުމެންނަށް މަސައްކަތް ނިންމާލެވޭނެ. އިރުއޮއްސުމުގެ ކުރިން ކަރަންޓު އެއްކޮށް ރީސްޓޯ ކުރެވޭނެ،” ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ކެނޑެން މެދުވެރިވި ސަބަބާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލާ ގުޅިގެން ސްޓެލްކޯއިން ބުނީ މައްސަލަ މެދުވެރިވީ ހުޅުމާލެ އާއި މާލެ އާ ދެމެދު އަޅާފައިވާ އިންޓަކަނެކްޝަން ކެނޑުމުން ކަމަށެވެ. އެކަމުގެ ސަބަބުން މާލެއިން ހުޅުމާލެއަށް ކަރަންޓު ދެވޭވަރުގެ ކެޕޭސިޓީ ނެތުމާ ވެސް އެކު ކަރަންޓު ދިޔައީ ކަމަށެވެ.
މައްސަލަ ދިމާވުމާ އެކު ބެލީ ވީހާވެސް އަވަަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި މިވަގުތު ހިންގެން ހުރި ހުރިހާ އިންޖީނަކާއި މާލޭގައި މިވަގުތު މެެއިންޓެނަންސްއަށް ހުރި އިންޖީނުތައް ފިޔަވައި އެހެން އިންޖީނުތައް ހިންގާފައިވާ ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ގްރިޑުގެ ބޮޑު މައްސަލައެއް ފާހަަގަވެފައި ނެތް ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށް ސްޓެލްކޯއިން ފާހަގަކުރި އެވެ.