
ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ނޫސްވެރިންގެ އަމިއްލަ ކައުންސިލްއެއް ހަދަން ފަށައި އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
އެމްޖޭއޭއިން ބުނީ މީޑިއާގެ އާ ގާނޫނު ތަސްދީގުކޮށް ރާއްޖޭގައި މިނިވަން މީޑިއާއަކަށް މަގުފަހިވާގޮތަށް އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމް ފުނޑާލައިފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ނޫސްވެރިންގެ ވެސް ތާއީދާއެކު، އަލުން ސެލްފް ރެގިއުލޭޓްކުރެވޭނެ ނިޒާމެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން ނޫސްވެރިންގެ އަމިއްލަ ކައުންސިލްއެއް ހަދަން ފަށައި އެ ކައުންސިލްގެ އޮނިގަނޑު އެކުލަވާލަން ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
އެ ކޮމިޓީގައި ތިއްބަވަނީ ހަތަރު މީޑިއާއަކުން ހަތަރު މެމްބަރުންނާއި އެމްޖޭއޭގެ ބޭފުޅެކެވެ. އެއީ:
- ހިރިގާ އަހުމަދު ޒާހިރު (ދައުރުގެ މެނޭޖިން އެޑިޓަރު)
- ނާޒިމް ހަސަން (މިހާރުގެ ސަބް އެޑިޓަރު)
- ހަސަން މުހައްމަދު (އަދަދުގެ އެސޯސިއޭޓް އެޑިޓަރު)
- މުހައްމަދު ޖުނައިދު(އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު)
- އައިޝަތު ޝިއުރާ (ވީޓީވީ)
އެމްޖޭއޭއިން ބުނީ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ނިންމީ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ޕްރެސް ކައުންސިލްއެއް އުފެއްދުމަށެވެ.
އެ ޕްރެސް ކައުންސިލްގައި މީޑިއާތަކުން ހަަ މެމްބަރުންނާއެކު އާންމުންގެ ތެރެއިން ދެ މެމްބަރުންނާއި މަދަނީ ޖަމިއްޔާތަކުން ވެސް މެމްބަރަކު ތަމްސީލުކުރާނެ ކަަމަށް އެމްޖޭއޭއިން ބުންޏެވެ.
މީޑިއާތަކުން އިންތިހާބުކުރާ ހަ މެންބަރުންގެ ތެރެއިން ދެ މެންބަރުން ހާއްސަކުރަން ނިންމީ ބްރޯޑްކާސްޓިން މީޑިއާތަކަށެވެ.
The first official meeting of MJA's Press Council Committee was held yesterday to establish a self-regulatory system for journalism in the Maldives.
We want YOUR feedback on the decisions made.
📝Here is the link: https://t.co/y4yC0UXSJB⏰Submit your thoughts via email before… pic.twitter.com/RCjRFJIyvG
— Maldives Journalists Association (@mjamaldives) September 23, 2025
ޕްރެސް ކައުންސިލްއަ ގުޅޭގޮތުން ހިޔާލު ފާޅުކުރުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































