ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިން މައްސަލަ އާ ގުޅިގެން މިދިޔަ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އޭރު އެ މިނިސްޓްރީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކަށް ދައުވާ ކުރަން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ނެރުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅުގަ އެވެ. އެ ލިސްޓާ މެދު އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރުމުން ވެރިކަން ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް، ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ދާއިމީ ލިސްޓެއް ނެރުނެވެ.

ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓު ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓު ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 އިންސައްތަ ކަމަށާ އަދި ޝަރުތު ފުރިހަމަ ވިނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 އިންސައްތަ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

އޭސީސީން މިއަދު ބުނީ އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެ ކޮމިޝަނާއި ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެކިގަރީނާއިން އެނގޭތީ ކަމަށެވެ. އެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ހަތަރު ވެރިއަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން މައްސަލަ ފޮނުވީ މިއަދެވެ.

ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ:

  • ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
  • ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް
  • ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު
  • ކުރީ ސަރުކާރާއި މި ސަރުކާރުގައި ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހްމަދު ވިޝާން ނަސީމް

އޭސީސީން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގުގައި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި އެހެން އިތުރު ކުށްތައް މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ކުށްތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމުގަ އެވެ.

އޭސީސީން ތަހުގީގު ކުރަމުން ދިޔަ ބިންވެރިޔާ ސްކީމުގެ މައްސަލަ އާ ގުޅިގެން އެ ކޮމިޝަނުގެ އެދުމުގެ މަތިން ހައުސިން މިނިސްޓްރީގެ ކުރީގެ ވެރިންގެ ޕާސްޕޯޓު މިދިޔަ ޑިސެމްބަރު މަހު ފުލުހުން ހިފެހެއްޓި އެވެ. އެހެންނަމަވެސް މިދިޔަ މާޗް މަހު ވަނީ ޕާސްޕޯޓުތައް ދޫކޮށްލާފަ އެވެ.

އޭސީސީން ފާހަގަކުރި ކަންކަމާ އެކު ލިސްޓު ރިވިއުކުރުމުގެ މި ސަރުކާރުން ކުރުމަށް ފަހު މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެފައި ވަނީ ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އެހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމަށެވެ.

ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށް ކަމަށެވެ. ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވަނީ 397 ފަރާތަކަށް ކަމުގައި މުއްތޮލިބު ފާހަގަކުރައްވާފައިވެ އެވެ.

Leave a Reply