
ނ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގެ ނެރު ކައިރީގައި ފީނަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އޭނާގެ އަތް ބުރިވި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފީނަން އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ގައިގައި ލޯންޗަކުން ޖެހުނު ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކަށް ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގައި ލޯންޗުގެ ކެޕްޓަން ހިމެނެހޭން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކުރެވި ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
“މައްސަލަ އާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރެވިފައިވޭ. ނަމަވެސް އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައެއް ނުވޭ،” މެސެޖުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށާއި ހެއްކަށް ބަލައި މިހާތަނަށް އަދި ފިޔަވަޅެއް އަޅާފައި ނުވާ ކަމުގަ އެވެ. އެހެންނަމަވެސް ތަހުގީގުގެ ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން ފާހަގަކުރި އެވެ.