ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އެތެރޭގައި މައްސަލަތަކެއް ދިމާވެގެން އުޅުނު ނަމަވެސް މިއަދު އެ ތަނަށް ފުލުހުން ވަނީ ތަނުގެ ސާވާއަށް މައްސަލަ ދިމާވެގެން ސާވާ ރަނގަޅުކުރަން އެހީތެރިކަން ފޯރުކޮށްދޭން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ފުލުހުންގެ ޓެކްނީޝަނުންތަކެއް މިއަދު ބްރޯޑްކޮމްއަށް ވަނީ ސާވާގެ މައްސަލައެއް ދިމާވެ ބްރޯޑްކޮމްއިން އެހީތެރިކަމަށް އެދުމުން ކަމަށެވެ.

އަދި ބްރޯޑްކޮމްގެ އޮފީސް މާހައުލުގައި މިހާރު އުޅޭ ނުތަނަވަސްކަމާ ފުލުހުން އެ އިދާރާއާ ވަނުމާ ގުޅުމެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބްރޯޑްކޮމްގެ މުވައްޒަފުންގެ މަސައްކަތްތަކަށް ދަތިކުރާކަމަށް ބުނެ އެތަނުގެ މުވައްޒަފުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑްކުރި މައްސަލައިގައި ބްރޯޑްކޮމްގެ މުވައްޒަފުންތަކެއް މިއަދު ވަނީ މަސައްކަތް ހުއްޓާލައި ގެއަށް ވެސް ގޮސްފަ އެވެ.

ބްރޯޑްކޮމްގެ މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކުރަން މުވައްޒަފުންނަށް މަޖުބޫރު ކުރުވުމާއި އޯވާޓައިމް ދެވެން ނެތް އިރުވެސް މަސައްކަތްތައް ކުރުވުމާއި މުވައްޒަފަކަށް ކުޑައިމީސްކޮށް މަލަމާތްކުރުން ހިމެނެ އެވެ.

އޭގެ އިތުުރުން އިޖުރާތްތައް ފުރިހަމަ ނުކޮށް ވަކި މުވައްޒަފަކު ވަކިކުރަން އެޗްއާރު ޕެނަލްއަށް އަންގާކަން ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

އަދި ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބަވާ ބޭފުޅުން މުވައްޒަފުން މެދުވެރިކޮށް އިދާރީ ވެރިންނަށް ފާރަލުން ހުއްޓާލުމަށާއި ޒާތިވެ ނަފްސާނީ ގޮތުން ކުރާ ގޯނާ ހުއްޓާލަން ވެސް މުވައްޒަފުން އެދޭކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.

Leave a Reply