މާލޭ, ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ތަރައްގީކުރުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސާވޭއެއް ހުޅުވާލައިފި އެވެ.

އެމްޓީސީސީން އާދިއްތަ ދުވަހުކުރި އިއުލާނެއްގައި ބުނީ އެ މަޝްރޫއު އަށް އާއްމުންގެ ހިޔާލު ހޯދަނީ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ދިރާސާގެ ދަށުން ކަމަށެވެ.

ސާވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ފޯމެއް ފުރިހަމަ ކުރުމަށް އެދިފަ އެވެ.

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނު ހިމެނޭހެން އެންމެޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144.5 މިލިޔަން ރުފިޔާ ހަރަދުކުރާއިރު މަސައްކަތް ހަވާލުކޮށްފައިވަނީ 455 ދުވަަހުން ނިންމާ ގޮތަށެވެ.

މަޝްރޫއުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެ އެވެ.

Leave a Reply