މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ޖަލުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ ބޭނުމުގައި މިއަދު ހުޅުމާލޭ ޖަލު ބަލައި ފާސްކުރުމުގެ ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.

ކަރެކްޝަންސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފުލުހުންގެ އެހީތެރިކަމާ އެކު މި އޮޕަރޭޝަން މިހާރު ދަނީ ކުރިއަށެވެ. އެހެންނަމަވެސް، މިކަމާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ނުވަތަ ތަފްޞީލެއް މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

މިފަދަ ހަރަކާތެއް މިއަދު ހުޅުމާލޭގައި ފަށާފައިވާއިރު، ހުސްވި ހޯމަ ދުވަހު މާފުށީ ޖަލުގައި ވެސް މި ދެ މުއައްސަސާ ގުޅިގެން ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މީގެ ކުރިން މާފުށީގައި ހިންގި މިފަދަ ބަލައިފާސްކުރުމުގެ ހަރަކާތްތަކަކީ، ޖަލަށް މަނާތަކެތި ވެއްދުމާއި، ސްކޭމް ކޯލްތައް ކުރުމުގެ އިތުރުން ޓެރަރިޒަމަށް ހިތްވަރުދޭ ފަދަ އަމަލުތައް ހުއްޓުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކެކެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީން ބައިތިއްބާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، ޖާގަ އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. މިގޮތުން، ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި، ފާއިތުވި ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މާފުށީ ޖަލުގައި ބޮޑީ ސްކޭނަރެއް ބަހައްޓައި ބޭނުންކުރަން ފަށާފައެވެ.

Leave a Reply