kamadhoo

ބައި ލައްކަ ރުފިޔާއަށް ބ. ކަމަދޫ ނަން ރަމްޒުކޮށްދޭ މޮނުމަންޓު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

އެ ރަށުގެ ކައުންސިލުން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި މި މޮނުމަންޓަކީ ބަނދަރު ސަރަހައްދު ރަށުގެ ނަން ރަމްޒުކޮށްދޭ ގޮތަށް ހަދަން ބޭނުންވާ މޮނުމަންޓެކެވެ. މޮނުމަންޓް ޑިޒައިންގައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ބ. ކަމަދޫ ސިފަވާންޖެހޭނެ ކަމަށާއި އިނގިރޭސި ބަހުން އެ ރަށުގެ ސްލޯގަން ދަ ހާޓް އޮފް ޓްރޭޑިޝަން ވެސް ފެންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ދިވެހި އަކުރުގެ އުސްމިނުގެ ގޮތުގައި 3 ފޫޓު އަދި އިނގިރޭސި އަކުރުގެ އުސްމިނުގައި 4 ފޫޓާއި 6 ފޫޓާއި ދޭތެރޭގެ މިނެއް ހުންނަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިބުނެފައިވެއެވެ.

މޮނުމަންޓް ފަރުމާކުރުމަށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާޓްނާޝިޕްތަކަށާއި ކުލަބް ޖަމިއްޔާ ޖަމާއަޔްޔަކަށާއި އަމިއްލަ ފަރުދުންނަށް ބައިވެރިވެވޭނެ ކަމަށާއި ނަމަވެސް ޑިޒައިން ހުށަހަޅާ ފަރާތަކީ ކަމަދޫގެ ރައްޔިތެއް ނުވަތަ އެފަރާތެއްގެ މަންމަ ނުވަތަ ބައްޕަ ކަމަދޫގެ ރަޖިސްޓްރީގައި އޮންނަ ފަރާތަކަށް ވާންވާނެ ކަމަށް އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މޮނުމަންޓު ފަރުމާކޮށް ކަމަދޫ ކައުންސިލް އިދާރާ އަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 30 ޖޫން ވާ އަންގާރަ ދުވަހުގެ 14:00 އެވެ. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ހުށަހަޅާނަމަ މޮނުމަންޓް ޑިޒަައިނާއެއްކޮށް ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. ވިޔަފާރިއެއްގެ ނަމުގައި ނަމަ ރެޖިސްޓްރޭޝަން ކޮޕ،ީ އާއި އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ އިކޮނޮމިކް ޑިޕާޓްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އެސްއެމްއީ ސެޓްފިކެޓް ހުށަހަޅަންޖެހޭނެއެވެ.

އެއްވަނައަށް ހޮވިއްޖެނަމަ ޑިޒައިންގެ BOQއާއި ފަރުމާއަށް ލިބިދީފައިވާ ޙައްޤުތަކުގެ މިލްކުވެރިފަރާތަކީ ބ.ކަމަދޫ ކައުންސިލްކަން އެނގޭނެ ލިޔުމެއް ކައުންސިލުން އަންގާ މުއްދަތެއްގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

Leave a Reply