މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި ހިނގާ އަހަރުގެ ތެރޭގައި ދިވެހި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވާ މިންވަރަށްވުރެ ފަސް އިންސައްތަ އިތުރަށް މިހާތަނަށް ފައިސާ ލިބިއްޖެއެވެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ކަނޑައަޅާފައި އޮތީ 373.6 މިލިއަން ރުފިޔާއެވެ. ނަމަވެސް، ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ހާމަކުރާ ގޮތުން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް އެ އަދަދު ވަނީ 393.6 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ލަފާކުރި އަދަދާ އަޅާބަލާއިރު 5.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން، ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބަލާއިރު ވެސް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. މި މަހުގެ ހަތަރަކާ ހަމައަށް އާމްދަނީ އާއި ހިލޭ އެހީ އެއްކޮށް 19.1 ބިލިއަން ރުފިޔާ ދައުލަތަށް ވަދެފައިވާއިރު، ފާއިތުވި އަހަރުގެ މި ދުވަސްވަރު ލިބިފައި ވަނީ 17.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 10.1 އިންސައްތަ ނުވަތަ 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ނުވަތަ 78 އިންސައްތަ ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއިންނެވެ. މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 14.8 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 13.2 ބިލިއަން ރުފިޔާއެވެ. ޓެކްސް އާމްދަނީ މައްޗަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ އިތުރުވުމެވެ. އެގޮތުން ފާއިތުވި އަހަރު ޓީޖީއެސްޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު އެ އަދަދު ވަނީ 6.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި އާންމު މުދަލާއި ޚިދުމަތުން ނެގޭ ޖީއެސްޓީ ވެސް ވަނީ 2.2 ބިލިއަން ރުފިޔާއިން 2.5 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

Leave a Reply