
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އިން ނ. މަނަދޫގައި ތަރައްގީކުރާ ކެމްޕަހުގެ އަމަލީ މަސައްކަތް ޚާއްސަ ރަސްމިއްޔާތަކާ އެކު ރަސްމީކޮށް ފަށައިފިއެވެ.
މި މުހިންމު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ކޮންކްރީޓް އަޅައިދެއްވީ، ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު ހުސްނީ މުބާރަކާއި، އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުގެ އިތުރުން މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރާއި އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަހުމަދު އަމީން މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ، މިއީ މަނަދޫގެ ތައުލީމީ އަދި އުމްރާނީ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ވަރަށް ތާރީޚީ އިންގިލާބީ ބަދަލެއް ކަމަށެވެ. އަދި މި ކެމްޕަހާ އެކު ރަށުގެ ދަރިވަރުންނަށް ޕީއެޗްޑީ ފެންވަރަށް ތައުލީމު ހާސިލުކުރުމުގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެތީ، އެއީ މުޅި ރަށުގެ ރައްޔިތުން ފަޚުރުވެރިވާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުގެ ވާހަކަފުޅުގައި، މި މަޝްރޫއަކީ ހަމައެކަނި ބިނާކުރެވޭ ކޮންކްރީޓް އިމާރާތްތަކެއް ނޫންކަމަށާއި، މިއީ މަނަދޫއާއި ކައިރި ރަށްތަކުގެ ރައްޔިތުންގެ މުސްތަގުބަލު ބާއްޖަވެރިކޮށްދޭނެ އަގުނުކުރެވޭ ފަދަ މުހިންމު ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ. ރަސްމިއްޔާތުގައި މަޝްރޫއާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަހުމަދު އަމީން މުހައްމަދެވެ.
މި ރަސްމިއްޔާތުގައި މަނަދޫގެ އިސްރަށްވެހިންނާއި، ކައުންސިލް މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް ވަނީ ކޮންކްރީޓް އެޅުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައެވެ.



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































