މާލެ، ލޮނުޒިޔާރަތް މަގުގައި ހުރި ގަހެއްގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވި ޑްރައިވަރު އެ ސަރަހައްދު ދޫކޮށް ފިލާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ފެންނަނީ ގަހުގައި ޖެހިފައި އޮތް ރަތް ކުލައިގެ ކާރަށް މީހަކު އަރާ މަންޒަރެވެ. އެއަށް ފަހު އެ ސަރަހައްދު ދޫކޮށް ކާރުގައި ދުއްވާފައިދެ އެވެ. މަގުމަތީގައި ގަހުގެ ގޮފިގަނޑެއް ވެއްޓިފައި އޮތްއިރު މީހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެ އެވެ.

އެކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކްސިޑެންޓުވި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:38 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

“އެކްސިޑެންޓަށް ފަހު ޑްރައިވަރު ފިލާފައި ނުވޭ. ކައިރި ހިސާބެއްގައި ކާރު ޕާކު ކުރުމަށް ފަހު ޑްރައިވަރު ވަނީ ސީނަށް އެނބުރި އައިސްފައި،” މެސެޖުގައިވެ އެވެ.

ފުލުހުން ދަނީ މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

Leave a Reply