ރަސް ފަންނު މޫދަށް އެރޭ ސަރަހައްދު މާދަމާ އާންމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

ރަސްފަންނު މަރާމާތުކުރުމަށް، އެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅުއެވެ. އޭރު އެ މަސައްކަތް ނިމޭނެ ތާރީހެއް ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނުބުނެއެވެ.

ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިރޭ ބުނީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެހެންމެ މާދަމާ ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން އާންމުނަށް ރަސްފަންނު ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ރަސް ފަންނު ސަރަހައްދު ފަހުން އޮތީ ވަރަށް ބޮޑަށް އަޅާނުލައި ވީރާނާވާން ދޫކޮށްލައިފައެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ތެރޭގައި ވަނީ ރަސްފަންނު މަރާމާތުކޮށް ތަރައްގީ ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެެ.

ރަސްފަންނަކީ އާންމުންގެ ގިނަ ބަޔަކު ކުދިން ގޮވައިގެން ހިތްހަމަ ޖައްސާލަން ގޮސް އުޅޭ ސަރަހައްދެއްވެސްމެެއެވެ.

Leave a Reply