
ތިން ރަށެއްގެ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް އަޅަން ހަވާލުކޮށްފިއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަލަށް އިތުރުކުރާ އިމާރާތްތައް އަޅަން ހަވާލުކޮށް ވަނީ އެއްބަސްވުންތަކުގައި ސޮއިވެސްކޮށްފައެވެ.
އެގޮތުން ރ. ވާދޫގެ ސިއްހީ މަރުކަޒުގައި އަލަށް އިތުރުކުރާ އިމާރާތް އަޅަން ހަވާލުކުރީ ފެނަކައަށެވެ. އެއީ އެއް އަަހަރު ތެރޭގައި މަސައްކަތް ނިންމާގޮތަށް 5.7މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ނާސް ސްޓޭޝަނާއި، 04އެނދުގެ ވާޑެއް، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ އަދި ގަރާޖު، ސްޓޯ ރޫމްސް އާއި ލޯންޑްރީ ރޫމް ގާއިމުކުރާނެއެވެ.
އޭގެ އިތުރުން ތ. ކަނޑޫދޫގައި ހުންނަ ސިއްހީ މަރުކަޒުގައި އަލަށް އިތުރުކުރާ އިމާރާތް އަޅަން އެމްޓީސީސީއާ ވަނީ 21.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައެވެ. އެއީ 390ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
މިއަދު ވަނީ ކ. ހިންމަފުށީގައި ހުންނަ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް އަޅަން ވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެއީ 360ދުވަސް ތެރޭގައި ނިންމާ ގޮތަށް 11.2މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ނާސް ސްޓޭޝަނާއި، 04އެނދުގެ 02ވާޑަކާއި، 02ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ އަދި ގަރާޖު، ޖެނެރަލް އަދި މެޑިކަލް ސްޓޯ ރޫމްސް އާއި އެކްސްރޭ ރޫމް އަދި ލޯންޑްރީ ރޫމް ގާއިމުކުރާނެ އެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































