
ގާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރުވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ބަހުސްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހުން ބިލު ފާސްކުރި ފަހުން އެ ބިލު ތަސްދީގު ވެސް ކޮށްފައިވާ އިރު ދެން އޮތީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެ ވޯޓު ނަގާނީ އަންނަ މަހު ހަތަރެއްގައި ބައްވާ ލޯކަލް ކައުންސިލް އިންތިހާބާއެކުއެވެ.
ނަމަވެސް އެ ވޯޓާ ދެކޮޅަަށް އިދިކޮޅު އެމްޑީޕީން ދަނީ ވާހަކަ ދައްކަމުން ނެވެ. އަދި މިއީ ހަމަ ހުރެލާފައި ބަދަލުކޮށްލެވިގެންވާނެކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ދަނީ ބުނަމުން ނެވެ.
ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ކުރިން ވެސް ބަހުސްކޮށްފައިވާ ކަމަށެވެ.
ނާޒިމް އެ އިޝާރާތްކުރެއްވީ ގާނޫނު އަސާސީ އިސްލާހުކުރި ދުވަސް ވަރަށެވެ.
ދެ އިންތިހާބު އެއްކޮށްލަން ބަހުސްކުރިކަން ރައްޔިތުންގެ މަޖިލީހަށް އެ ދުވަަސްވަރު ހުށަހެޅި ތިން ހުށަހެޅުމަކުން ވެސް އެކަން އެނގޭ ކަމަށާއި އަދި މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ބަހުސްކުރެވިފައިވެއެވެ. އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް 3 ހުށަހެޅުމެއް ހުށަހެޅި، ތާއީދުލިބި، އެ މަޖިލީހުން އެކަމަށް… pic.twitter.com/2GZ0sgvdhw
— Ahmed Nazim (@MP4Dhiggaru) March 10, 2026
“އެކަމާ ގުޅޭގޮތުން ހާއްސަމަޖިލީހަށް ހުށަހެޅުނު އިސްލާހުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ހަމީދު ހުށަހެޅުއްވި އިސްލާހެކެވެ” ނާޒިމް ވިދާޅުވި އެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































