އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމާއި ގުނުމުގެ މަރުޙަލާ ގާތުން ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އިސީ) އިން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އިންތިޚާބު މޮނިޓަރކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އެވެ. އޭޕްރީލް 12ވަނަ ދުވަހުން ފެށިގެން މިކަމަށް މަގުފަހިކޮށްދީފައިވާއިރު، ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

މީގެ އިތުރުން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި މި ހައިސިއްޔަތުން މަސައްކަތްކުރުމަށް މިހާރު ވެސް ފާސް ލިބިފައިވާ ފަރާތްތަކުން، ދެވަނަ ބުރުގައި ބައިވެރިވުމަށްޓަކައި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެކަން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

Leave a Reply