އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، 2026 އޭޕްރީލް 6ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅި މައްސަލައެއް، ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް ހާދިސާ ހިނގި ރަށުގައި މިހާރު ދަނީ ހަރަކާތެރިވަމުންދާ ކަމަށެވެ.

މި ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ހަގީގަތާ ހިލާފު ވާހަކަތަކާއި، ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، ކަށަވަރުނުވާ މައުލޫމާތަށް ބަރޯސާނުވުމަށް ފުލުހުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވުމާ އެކު، އެ ކުއްޖާގެ ޒާތީ މައުލޫމާތު ހިފެހެއްޓުމަށާއި، ކުއްޖާގެ ކަރާމާތާއި ހައްގުތަކަށް އިހުތިރާމްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ހިއްސާނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply