މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ޖުމްލަ 2.80 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި އެމެރިކާ ޑޮލަރުން ލިބުނު 126.85 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ 2025ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 0.8 އިންސައްތައިގެ ދަށްވުމެކެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބުތައް 

ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މަދުވުން.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ލިބުނު މިންވަރު ދަށްވުން.
ޓޫރިޒަމް ލޭންޑް ރެންޓް (ބިމުގެ ކުލި) މަދުވުން.

މިދިޔަ މަހު ލިބުނު އާމްދަނީއަކީ އަންދާޒާ ކުރި މިންވަރަށް ވުރެ 11.6 އިންސައްތަ ދަށް އަދަދެކެވެ. އެއީ ޖީ.އެސް.ޓީއާއި ގްރީން ޓެކްސް ފަދަ މުހިންމު ދާއިރާތަކުން ލިބުނު އާމްދަނީ އުންމީދު ކުރި ވަރަށް ވުރެ މަދުވުމުންނެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދާއިރާތައް

ޖީއެސްޓީ : 52.3% (1,462 މިލިއަން ރުފިޔާ)
އިމްކަމް ޓެކްސް – 21.4% (599 މިލިއަން ރުފިޔާ)
ގްރީން ޓެކްސް –  7.2% (200 މިލިއަން ރުފިޔާ)
ޑިޕާޗާ ޓެކްސް – 4.8% (134 މިލިއަން ރުފިޔާ)
އެއާޕޯޓް ޑިވްލޮޕްމަންޓް ފީ – 4.0% (113 މިލިއަން ރުފިޔާ)

މި ރިޕޯޓް ދައްކާ ގޮތުން މިދިޔަ މަހުގެ އާމްދަނީގެ 16.9 އިންސައްތައަކީ ނުދައްކާ ހުރި ފައިސާ ހޯދުމަށް ހިންގި ޚާއްސަ ހަރަކާތްތަކުން ލިބުނު ފައިސާއެވެ. އަދި 19.0 އިންސައްތައަކީ ކުރީގެ ސުންގަޑިތަކާ ގުޅޭ ފައިސާއެވެ.

Leave a Reply