
ރާއްޖެ އާއި ހޮންގް ކޮންގް އާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުން ޑަބަލް ޓެކްސް ނެގުން ހުއްޓުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދެ ގައުމުގެ ދެމެދުގައި ޑަބަލް ޓެކްސް އެވޮއިޑަންސް (ޑީޓީއޭ) އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ. ހޮންގް ކޮންގްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުގެ އިންލަންޑް ރެވެނިއު ޑިޕާޓްމެންޓުގެ ކޮމިޝަނަރު ޗެން ޒި ވައި ބެންޖަމިނެވެ.
އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިއީ ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ނެގުން ހުއްޓުމަކަށް ގެނައުމުގެ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.
އަދި ދެ ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް، ޓެކުހަށް މަކަރު ހެދުމުގެ ދޮރުތައް ބަންދު ކުރުމަކީ ވެސް އެއްބަސްވުމުގެ މަގުސަދެއް ކަަމަށެވެ. އޭގެ އިތުރުން ދެ ގައުމުގެ މެދުގައި ޓެކުހާ ގުޅޭ މައުލޫމާތުތައް ބަދަލު ކުރުމަށް މަގުފަހިވާނެކަން ވެސް ފާހަގަކުރި އެވެ.
Maldives signs a Double Tax Agreement with Hong Kong during the sidelines of the Asia Initiative meeting, marking another key milestone in tax transparency efforts. The agreement was signed by Commissioner General of Taxation, Mr. Hassan Zareer and Commissioner, Inland Revenue… pic.twitter.com/XMzI2dnCM1
— Maldives Inland Revenue Authority (@MIRAmaldives) May 26, 2025
ރާއްޖެއިން ވަނީ 2016 ވަނަ އަހަރު އިންޑިއާ އާއެކު ލިމިޓެޑް ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި 2017 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، 2021 ވަނަ އަހަރު ބަންގްލަދޭޝް އަދި މިދިޔަ އަހަރު މެލޭޝިއާ އާ ދެމެދު ވެސް މިފަދަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އިތުުރު ގައުމަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމަކީ ރާއްޖޭގެ ޓެކްސް ނިޒާމް ވަރުގަދަކޮށް، ދެފުށް ފެންނަ ޓެކްސް ނިޒާމެއް އެކުލަވާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް މީރާއިން ބުނެ އެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































