
ހ. މިޓާޒު ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، ސުވާލު ކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޔުމްނު ހޭއެރީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ. ޔުމްނުގެ ދައްތަ ރޭ ލައިވް ވީޑިއޯގައި ވާހަކަ ދައްކަމުން ބުނީ ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދީފައިވާ ކަމަށެވެ.
ޔުމްނުއާ ހަވާލާދީ ދައްތަ ބުނީ އޭނާ ވެއްޓުނު ހ. ފެންޓެނޯއީއަކީ ޔުމްނު ދަންނަ ގެއެއް ނޫން ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ޔުމްނު ދޭތެރެއަކުން އެ ގެއަށްދާ ކަމަށާއި، އެ ރޭ ދިޔައީ ޔޫސުފް ޔައްސާރު އަބްދުއްގަފޫރުގެ ދައުވަތަކަށް ކަމަށް ބުންޏެވެ.
ޔައްސާރަކީ ފޮރިން މިނިސްޓްރީގެ ކުރީގެ ބައިލޭޓަރަލް ސެކްރެޓަރީ ހާލާ ހަމީދުގެ ދަރިފުޅެވެ.
ޔުމްނު ވެއްޓުނީ އަމިއްލައަކަށް ނޫން ކަމަށް ބުންޏެވެ. އޭނާ ވެއްޓުނު އިރު ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުތަކުން ފެނުނު ފެންޓެނޯއީގައި ޔުމްނުއާއެކު އުޅުނު ރައުދުއާއި ޔައްސާރު އަދި އިތުރު ދެ މީހުނާއެކު ހަތަރު މީހުން ތިބި ކަމަށް ތުހުމަތުކުރި އެވެ.
މިއަށްވުރެ އިތުރަށް ތަފުސީލުކޮށް އެ ވާހަކަ ކިޔައެއް ނުދެ އެވެ.
އެ ވާހަކަތަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެން ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
“ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އަންހެން މީހާ އާ ސުވާލު ކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބި އެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާ އާ ސުވާލު ކުރަން ބޭނުންވެ އެވެ.” ފުލުހުންގެ މެސެޖުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މައްސަލައިގެ ތަހުގީގު މިހާރު ވެސް ހިނގަމުންދާ ކަމުގަ އެވެ. އެގޮތުން މައްސަލަ އާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރު ކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރި އެވެ.